Tuesday, May 4, 2010

އަދަބުން ސަމާސާ ކޮށްލަމާ!!!

ސަމާސާ ވިހަވަނީ ކީއްވެ؟

ކޮންމެ ފަރުދަކީވެސް އެކަކު އަނެކަކާ ތަފާތު މީހެކެވެ. ކޮންމެ މީހެއްގެވެސް ތަފާތު ރައްޓެހިން އުޅޭނެއެވެ. އެކިމީހުންނަށް ރަނގަޅުވަނީ އެކިގޮތަށް އުޅޭ މީހުންނެވެ. ބައެއް މީހުންނަށް ތަންކޮޅެއް މަޖާ ސަމާސާކޮށް އުޅޭ މީހަކު ކަމުގޮސްދާނެއެވެ. އަނެއްބައި މީހުންނަށް ސީރިއަސް، ހަރުދަނާ ވާހަކަދައްކާ މީހުން ކަމުގޮސްދާނެއެވެ. އެކަމަކު ކޮންމެ މީހަކީވެސް ކޮންމެވެސް އިމެއްގެ ތެރޭގައި ސަމާސާކޮށް މަޖާކުރާނެ މީހެކެވެ. ތަފާތަކީ އެމީހަކު ސަކަރާތްޖަހާ މަޖާކުރަން ޚިޔާރުކުރާގޮތެވެ.
ރަހްމަތްތެރިންގެ މެދުގައި ސަކަރާތްޖަހައި މަޖާކުރުމީ ރަހްމަތްތެރިކަން އިތުރުވެ، ރަހްމަތްތެރިކަން އާލާވާ ކަމެކެވެ. ނަމަވެސް ސަމާސާ ވިހަވާ ހިސާބުން މިކަން މީގެ އިދިކޮޅަށްޖެހޭ ފަހަރުވެސް މަދެއް ނޫނެވެ. މާގިނައިން ބަޔަކު ސަމާސާ ކުރަންޏާ ސަމާސާ ވިހަވެދާނެކަމަށް، މީހުން ވަރަށް ގިނައިން ބުނެއުޅެއެވެ. އެހެނީ މާގިނައިން ސަކަރާތްޖަހަންޏާ އިމުން ބޭރުވެ ވަރަށް ފަސޭހައިން ސަމާސާ ވިހަވެއެވެ. ގިނަފަހަރަށް ސަމާސާ ވިހަވަނީ ސަމާސާ ކުރުމުގައި ހައްދުފަހަނައަޅައި ދިއުމުންނެވެ. ދިމާކޮށް މަޖާކުރުމުގައިވެސް އިމެއް އޮންނަންވާނެއެވެ. އަދި ވަގުތެއްވެސް އޮންނަންވާނެއެވެ. ތިމާ ހަމަ ސަކަރާތްޖަހާ ހިތްވާއިރަށް ސަކަރާތްޖެހުމަކީ ރަނގަޅު ކަމެއް ނޫނެވެ. އަނެއް މީހާގެ "މޫޑު" ހުރިގޮތެއްވެސް ސަކަރާތް ޖެހުމުގެ ކުރިން ބަލައިލުން މުހިއްމެވެ.
އަލަށް ފެންނަ މީހަކާ ނުވަތަ ރަނގަޅަށް ނުދަންނަ މީހަކާ ސަމާސާކުރާނަމަ، އޭނާ ރަނގަޅަށް ދަސްނުވަނީސް ސަމާސާކުރުން އެހައި ބުއްދިވެރިއެއް ނޫނެވެ. ގޮތް ނޭންގި ސަމާސާކޮށްފިނަމަ ސަމާސާ ވިހަވުން ވަރަށް ގާތެވެ. ގިނަފަހަރަށް އަލަށް ފެންނަ މީހަކާ ދިމާކުރުމުން އެކަމާ އޭނާ ހިތްހަމަ ނުޖެހުނަސް އެވާހަކަ ބުނަން ވަރަށް އުނދަގޫ ވާނެއެވެ. އެއީ އޭނާ ރަނގަޅަށް ނުދަންނާނެތީއެވެ. މިކަމުގެ ސަބަބުން ތިމާގެ އަގު ފުރަތަމަ ފަހަރުން އޭނާގެ ކުރިމަތީގައި ވެއްޓުންވެސް ވަރަށް ގާތެވެ.
ސަމާސާކުރުން ދެން އެންމެ އަވަހަށް ވިހަވަނީ ސަމާސާ ކުރުން އިމުން ބޭރުވާ ހިސާބުންނެވެ. މީހަކާ ދިމާކޮށް އޭނާ މުޅިން އެމީހެއްދެކެ ފޫހިވާ ވަރަށްވެސް ބައެއް މީހުން ދިމާކުރެއެވެ. އަނެއްބައި ފަހަރު ސަމާސާކުރުމުގައި މީހަކަށް ކިތައްމެ ބޮޑު ދެރައެއް ނުވަތަ އަނިޔާއެއްވެސް ނޭނގުމުގެ ތެރޭގައި ދެވިދާނެއެވެ.
ސަމާސާކުރުމަކީ މައްސަލައެއް ނޫނެވެ. ރަހްމަތްތެރިންގެ މެދުގައި އެކުވެރިކަން އާލާކުރަން ސަމާސާކުރަންވާނެއެވެ. އެއިރުން ދިމާވެފައި ހުންނަ ކުދިކުދި ކަންތައްތަކުގެ މަތިން ހަނދާންނެތި، ފޫހިކަން ފިލައި ހިނިތުންވުން ގެނެސްދޭނެއެވެ. އެކަމަކު ސަމާސާކުރުމުގައި އަނެކާގެ ގޮތް ބަލައި އިމެއްގެ ތެރޭގައި ސަމާސާކުރުން މުހިއްމެވެ. 5މެއި 2008ގެ ހަވީރުނޫހުން ނަގާފައި

No comments:

Post a Comment