ވާހަކަ

ކުރުވާހަކަ ލިޔުން


ވާހަކަ ލިޔުމަކީ އަދަބިއްޔާތުގެ ތެރެއިން އުފެއްދުންތެރި ލިޔުމުގެ އެއްވައްތަރެވެ. އަމިއްލައަށް ފިކުރުކޮށްގެން އެފިކުރުތައް ވަކި ގޮތަކަށް އަތުރާލައިގެން އަމިއްލައަށް އަދަބީ މަސައްކަތެއް ވުޖޫދުގެ ތެރެއަށް ނެރުމެވެ.

ޢާއްމުގޮތެެއްގައި އިމްތިޙާނުތަކުގައި އަންނަނީ ކުރުވާހަކަ ލިޔާށެވެ. ކުރުވާހަކަ ލިޔުމަށްޓަކައި އިމްތިޙާނުގައި އަންނަނީ ތަފާތު ދެގޮތަކަށެވެ.

- އެއްގޮތަކީ ފެށުމެއް ދިނުމުން އެ ފެށުމާ ގުޅުވާލައިގެން ވާހަކަ ލިޔުމެވެ.

- އަނެއްގޮތަކީ ޙާލަތެއް ދިނުމުން އެ ޙާލަތުގެ މައްޗަށް ވާހަކަ ލިޔުމެވެ.

ބައެއް ދަރިވަރުން ޙާލަތު އެއީ ފެށުމެއް ކަމަށް ބަލައިގެން ލިޔެފައި ހުއްޓާ އެބަފެނެއެވެ. އަދި ދީފައިވާ ފެށުން ފެށުމެއްގެ ގޮތަށް ލިޔެފައި، ޙާލަތު ވެސް ހިމަނައިގެން ވާހަކަ ލިޔެފައި ހުއްޓައި ފެނެއެވެ.

ޙާލަތަކީ މީހަކާމެދު ނުވަތަ ބަޔަކާމެދު ކަންތައްތައް ދިމާވެފައިވާގޮތް ކުރުގޮތަކަށް ކިޔައިދީފައިވާ ކިޔައިދިނުމެކެވެ. އެހެން ގޮތަކަށް ބުނާނަމަ އެއީ ވާހަކައިގެ ތަޢާރަފެކެވެ. ޙާލަތު ބަޔާންކޮށްފައިވާ ޢިބާރާތްކޮޅު ވާހަކައިގެ ތެރޭގައި ލިޔާކަށެއް ނުޖެހޭނެ އެވެ.

• ވާހަކައަށް އިންސާފު ކުރުމުގައި ބަލާ ކަންތައްތަކަކީ :

- ހާދިސާ

- ހުށަހެޅުން

- ޢިބަރާތްކުރުން

- ޤަވާޢިދު

- އިމްލާ

- އަތުލިޔުން



 ހާދިސާ :

ހާދިސާއަކީ ވާހަކައިގައި ހިނގާ މައިގަނޑު ކަންތަކެވެ. ވާހަކައެއްގައި ވާހަކައެއް އޮންނަން ވާނެއެވެ. ވާހަކައަކީ މަޢުލޫމާތުދޭ މަޒުމޫނަކަށް ވެގެން ނުވާނެއެވެ. ހިގަނީ ކޮންކަމެއްތޯ ހިތާ ހިތާ ސުވާލުކޮށްލުމުން ހާދިސާއެއް އޮތްކަން ނުވަތަ ނެތްކަން އެގޭނެއެވެ. މިގޮތުން ކުރުވާހަކައެއްގައި އޮންނަންވާނީ މައިގަނޑު އެއް ހާދިސާއެވެ.



 ހުށަހެޅުން :

ވާހަކައެއް ކިޔައިދޭ ގޮތާއި ކިޔައިދީފައިވާގޮތް އެއީ އެ ވާހަކައެއް އަޑުއަހަން ނުވަތަ ކިޔަން ބޭނުންވާގޮތް ވުމަށް މެދުވެރި ކުރުވާ ކަންތަކެވެ. އެއްކަމެއް އަނެއްކަމަކާ ގުޅުވާލައިގެން ގެނެސްފައިވާ ގޮތްވެސް ހުށަހެޅުމުގެ ތެރޭގައި ހިމެނެއެވެ. ޢާއްމުގޮތެއްގައި ވާހަކަ ކިޔައިދީފައި ހުންނާނީ ދެ ގޮތަކަށެވެ. އެއީ ފުރަތަމަ މީހެއްގެ ނަޒަރުންނާއި ތިންވަނަ މީހެއްގެ ނަޒަރުންނެވެ. ފުރަތަމަ މީހެއްގެ ނަޒަރުން ކިޔައިދިނުމަކީ އަހަރެންނޭ ކިޔައިގެން ލިޔެފައި ހުންނަ ހުރުމެވެ. ތިންވަނަ މީހެއްގެ ނަޒަރުން ކިޔައިދިނުމަކީ ނަން ނުވަތަ ބަދަލު ނަމެއް ބޭނުން ކޮށްގެން ލިޔުމެވެ.

 ޢިބާރާތް ކުރުން :

އެހެނިހެން ލިޔުންތަކާ ޚިލާފަށް ވާހަކައިގައި ޢިބާރާތްތައް ފަށުއިވާން ޖެހޭނެއެވެ. މީހުން ކިޔާހިތްވާ ޒާތުގެ ރީތި ޢިބާރާތްތައް ހުންނަން ޖެހޭނެއެވެ. އަދި އުފެއްދުންތެރި ޖުމްލަތައް ހުރުމީ ޝައުޤުވެރިކަން އިތުރުވާނޭކަމެކެވެ. އެއް ޢިބާރާތާއި އަނެއް ޢިބާރާތް ރަނގަޅަށް ގުޅުވާލައިގެން ބަދަހިކޮށް ލިޔުމަކީ މުހިންމު ކަމެކެވެ. އެމުނި އެކުލެވުން ރީތިވާކަމެކެވެ.

 ޤަވާޢިދާއި ހަމަ :

ޢިބާރާތް ކުރުމަށް ބަލާ ފަދައިން ބަހުގެ ޤަވޢިދާއި ހަމަޔަށް ފައްތައިގެން ލިޔެފައިވޭތޯ ވެސް ބަލައެވެ. މިގޮތުން އަކުރުތައް ގުޅުވުމާއި، ޢާންމު ބައިތައް ބަހުގެ ހަމައިން ރަނގަޅަށް ބޭނުންކޮށްފައި ހުރިތޯއާއި، ކުށް ލަފުޒު ހުރިތޯ އާއި، ޒަމާނަށް ފެތޭގޮތަށް ލަފުޒުތައް ބަދަލުކޮށްފައި ހުރިތޯ ބަލައެވެ.

 އިމްލާ :

ކުރިން ބުނިހެން ވާހަކައަށް މާކުސް ދޭއިރު ސުކުންތައް ކުރުމުގެ ހަމަތަކަށް ފައްތައިގެން ސުކުންތައް ކޮށްފައިވޭތޯއާއި، އަކުރާއި ފިލި ރަނގަޅަށް ބޭނުންކޮށްފައި ހުރިތޯ އާއި، ހުސްނޫނު ރަނގަޅަށް ބޭނުންކޮށްފައިވޭތޯވެސް ބަލައެވެ.

 އަތުލިޔުން :

އަތުލިޔުމުގެ ސާފުކަމަށްވެސް ބަލައެވެ. ބަސްވަކިކުރެވިފައިވޭތޯ އާއި ކިޔަން ފަސޭހަތޯވެސް ބަލައެވެ. ފާހަގަ ކުރެވޭ އަނެއްކަމަކީ ދެކެވޭވާހަކަ ލިޔާނެ ވަކިގޮތެއް ނޭގޭކަމެވެ. ޑައިލޮގް ލިޔުމަށްވެސް އުޞޫލެއް އޮންނަންވާނެއެވެ. ރަނގަޅީ ކޮންމެ ޑައިލޮގެއް އައު ފެށުމަކުން ވަކިން ލިޔުމެވެ. މިހެން ބުނި ނަމަވެސް ވާހަކަ ކިޔައިދީފައިވާ ގޮތުން މީހުން ބުނާއެއްޗެހިވެސް ބުނިބަސް އަންގައިދޭ ގޮތަށް ލިޔެވިދާނެއެވެ.





• ސަމާލުކަން ދިނުމަށް އެދޭ ކަންތައްތައް :

1- ވާހަކައިގައި ހިނގާ ކަންތައްތައް އެއްކަމެއް އަނެއްކަމެކާ ރަނގަޅަށް ގުޅުވައިގެން ލިޔުން.

2- އެ ލަފުޒެއް ޢިބާރާތުގައި ބޭނުން ކުރަންވީގޮތް ރަނގަޅަށް ނޭގޭ ލަފުޒު ބޭނުން ނުކުރުން.

3- ދެކެވޭ ވާހަކަ އެކި ގޮތަށް ބޭނުން ނުކޮށް މީހާގެ ނަން ޖަހާފައި އައު ފެށުމަކުން ލިޔުން.

4- ފަށައިގަތުމުގެ ކުރިން ކަންތައްތައް ހިގާނެ ކަމަށް ޚިޔާލުކުރާގޮތް ޕޮއިންޓް ގޮތަށް ނޯޓުކޮށްލުން.

5- އަވަސް އަރައިނުގަނެ ލަސްލަހުން ރީއްޗަށް ލިޔުން.



• ވާހަކައިގެ ނަމޫނާ:

ހުވަފެނެއް

ސިއްސައިގެންގޮސް ޒީނާއަށް ހޭލެވުނީ އިވުނު ބާރު އަޑުފަށްގަޑެއްގެ ސަބަބުންނެވެ. ކޮންއަޑެއްތޯ ވިސްނާލަން އޮއްވާ ގޭތެރެއިން އެހެންމީހުންގެ އަޑުވެސް އިވެން ފަށައިފިއެވެ. ވެގެންއުޅޭ ގޮތެއް ބަލައިލުމުގެ ނިޔަތުގައި ޒީނާ މަޑުމަޑުން ކޮޓަރިން ބޭރަށް ނުކުމެއްޖެއެވެ.

އެވަގުތު ޒީނާގެ މަންމަ ދުވެފައި އައިސް އޭނާގެ ގައިގާ އޮޅުލައިގަތެވެ. " ދަރިފުޅާ! އަހަރެމެންގެ އަޖަލު ޖެހުނީ! އަހަރެމެންގެ ދުވަސް މިދިޔައީ! ކޮންބައެއްކަން ނޭނގޭ ބަޔަކު ހަތިޔާރާއެކު އަރައި މީހުންތައް މަރަނީ. ސިފައިންގެވެސް އެމީހުން ހިފައިފިޔޯ! ހުރިހާ މިނިސްޓަރުންވެސް ހައްޔަރު ކޮށްފިޔޯ! ދަރިފުޅާ ގިނަގިނައިން ހެޔޮއެއްޗެތިކިޔާ. އެ އިވެނީ މަރުއައިސް ދޮރުގައި ޓަކިދޭއަޑު!"

ގިސްލެވޭވަރުން އޭނާގެ މަންމަޔަށް އިތުރަށް އެއްވެސް ވާހަކައެއް ނުބުނެވެއެވެ. ޙައިރާންކަމުގެ ނަޒަރަކުން ޒީނާ އަށް މަންމަގެ މޫނަށް ބަލައިލެވުނެވެ. ބައްޕަގެ މޫނުމަތިންވެސް ފެނުނީ މާޔޫސްކަމެވެ. ކުރާނެކަމެއް ނެތްކަމުގެ އަސަރެވެ!

އޭރުވެސް އިރުއިރުކޮޅާ ކޮންމެވެސް އެއްޗެހި ތަކެއް ގޮވާއަޑު، ބަޑިޖަހަމުން ދާއަޑު އިވިއިވި ހުއްޓެވެ. ޒީނާ މަޑުމަޑުންގޮސް ކުޑަދޮރުގެ ފޮތިގަނޑު ހިއްލައިލާފައި ހުޅުވިފައި ހުރި ދޮރާށިން ބޭރު ބަލައިލިއެވެ. އެވަގުތު އޭނާގެ މޭގަނޑު އަނގަޔަށް އައި ކަހަލައެވެ. ބަޔަކު އަތްދަޑި މައްޗަށް ލައިގެން ވަރަށް ބޮޑަށް ޒަޚަމްވެފައިވާ މީހަކު ގެންދަނީއެވެ. އެމީހާގެ ގައިން ފައިބާ ލޭތަކުން އެމީހުންވަނީ ފޯވެފައެވެ. އަހަރެމެންގެ މިކުޑަކުޑަ އަމާން ރަށް މިވަނީ ދުޝްމިނުންގެ އަތްދަށުގައި ކަމުގެ ބިރުވެރި އިޙްސާސް ޒީނާއަށް ކުރެވުނީ ދެނެވެ.

ޢަދުންވުން ތަނެއްދޮރެއް ނުބަލައި ބަޑިޖަހާ މީސްތަކުން މަރަމުން ގެންދަނީއެވެ. ސަލާމަތްވާނެ ގޮތެއް ފެނޭތޯ އެންމެން ކޮޅުކޮޅު މައްޗަށް ދުވެނަގަނީއެވެ. ރޮމުން ގިސްލަމުންނެވެ. ސަހަރޯއެވެ! ޒީނާއަށް މަންމަގައިގާ ބާރަށް އޮޅުލައި ގަނެވުނެވެ.

ކުއްލިއަކަށް ގެއާ ދާދި ގާތުން ބާރުގަދަ ގޮވުންތަކެއްގެ އަޑު އިވިގެން ހިނގައްޖެއެވެ. އެއާއެކު އެތައް ބައެއްގެ ރުއިމާއި ހަޅޭކުގެ އަޑު ކަންފަތުގައި ޖެހުނެވެ. ހަމަ އެވަގުތު ޒީނާގެ ފަސްއަހަރުގެ ކުޑަކުޑަ ދަރިފުޅު ދުވެފައި އައިސް އޭނާގެ ގައިގާ އޮޅުލައި ގަތެވެ. އެހެންފަހަރު ފަހަރުވެސް ބިރުވެރި ކަމަކާ ދިމާވުމުން މަންމަގެ ޙިމާޔަތުގެ ދަށަށް އަންނަ ފަދައިންނެވެ.

އެވަގުތު އެ ލޯބިލޯބި ދަރިފުޅާ ވަކިވުމުގެ ވަގުތު ޖެހިއްޖެކަމުގެ އިޙުސާސް ކުރެވުމާއެކު ޒީނާ އެ ދަރިފުޅު ނަގައި މޭގައި ޖައްސާ ބާރު ކޮށްލިއެވެ. އަދި އެމައުސޫމު ލޯބިލޯބި މޫނުގައި އެތަކެއް ފަހަރު ބޮސްދިނެވެ.

ކުއްލިއަކަށް ބާރުގަދަ އަޑުފަށް ގަނޑަކާއެކު ހަފަރާތުން އަލިފާން އައިސް ޒީނާމެން ވަށައިލިއެވެ. ދަރިފުޅު ރޮއި ގަތުމާއެކު ތެޅިފޮޅިގަތެވެ. ހަމައެއާއެކު ދަރިފުޅުގެ ގައިން ހޯސްލާފައި ލޭ އޮހޮރިގަތެވެ. އެދަރިފުޅުގެ ބޮލަށް ވަޒަނެއް އެރީއެވެ. އެވަގުތު އެތައްހާސް އެއްޗެހިތަކެއް ޒީނާގެ ހިތަށް އަރައި ފައިބައިގެން ދިޔައެވެ. ދަރިފުޅުގެ މުސްތަގުބަލާ މެދު އޭނާ ކުރަމުން އައި އުއްމީދުތަކަށް ނިމުން އައީއެވެ. އެދަރިފުޅު އަބަދަށްޓަކައި ވަކިވީއެވެ. އޭނާއަށް އެދަރިފުޅަށް ދެވުނީ ކޮން ޙިމާޔަތެއް ހެއްޔެވެ؟ ސިކުޑީގެ ބާރު ކެނޑިއްޖެއެވެ. ލޮލުން ކަރުނަ ހުސްވެއްޖެއެވެ. ނޭވާލުމަށް އުނދަގޫވާން ފަށައިފިއެވެ. ހާސްވަނީއެވެ. މެއަށް ތަދުވަނީއެވެ. މޫނުމައްޗަށް އަނދިރިވަނީއެވެ. ގޮތްހުސްވުމުން ބާރަށް ހަޅޭލައްވައި ގަނެވުނުކަން ޒީނާއަށް އެނގުނެވެ. ދެންވީ ކިހިނެއް ކަމެއް ނޭނގުނެވެ.

"ޒީނާ! ޒީނާ! ހޭލަބަލަ! ކޮންހަޅޭކެއްތަ ތިލަވަނީ؟" ރަފީޢު އޭނާގެ ގައިގާ ހިފާ ތަޅުވައި ގަތުމާއެކު ޒީނާއަށް ހޭލެވިއްޖެއެވެ. އޭރުވެސް މޭގަނޑު ނެގިނެގިފައި ޖެހެނީއެވެ. މުޅިމީހާ ވަނީ ދާހިއްލާ ފޯވެފައެވެ. ރަފީޢު ވަރަށް މަސައްކަތް ކޮށްގެން ޒީނާ ހަމައަކަށް އެޅުވިއެވެ. އެއީ ފެނުނު ހުވަފެނެއްކަން އެނގުމުން ޒީނާއަށް ކޮންމެވެސް ވަރެއްގެ ހަމަޖެހުމެއް ލިބުނު ކަމުގައި ވިއަސް އެ ފެނުނު ހުވަފެނުގެ ސަބަބުން ދަރިފުޅާމެދު ވިސްނަން ޒީނާއަށް ވަނީ މަޖުބޫރު ކުރުވާފައެވެ.