މަޒުމޫނު

މަޒުމޫނަކީ ކޮބާ؟


މަޒުމޫނަކީ މައިގަނޑު ނަމެއްގެ މައްޗަށް ރަގަޅު މަޢުލޫމާތު އެކުލަވާލައި، މީހުން ކިޔާ ހިތްވާގޮތަށް، ރަގަޅަށް ދޭހަވާނޭހެން ބަހުގެ ހަމަތަކާ އެއްގޮތްވާގޮތުގެ މަތިން ލިޔެވޭ ލިޔުމެކެވެ.

 މަޒުމޫނު ލިޔުމުގައި ވިސްނައިލުން މުހިއްމު ބައެއް ނުކުތާ:



• މަޢުލޫމާތު ( މައިގަނޑު ނަމަށް އިންސާފު ކުރުން ) :

މި ބަޔަށް އިންސާފު ކުރުމުގައި ބަލަނީ ދަރިވަރު ހުށަހަޅާފައިވާ މަޢުލޫމާތަކީ މައިގަނޑު ނަމާ ގުޅޭ ގޮތުން ހުށަހަޅާފައިވާ ތެދު މަޢުލޫމާތުތޯއެވެ. އަދި ހަމަ އެއާއެކު ޚިޔާލީ މަޒުމޫނުތަކަށް ހުށަހަޅާފައިވާ ނުކުތާތަކަކީ އަމިއްލަ ޚިޔާލާއި ވިސްނުމުން ހެކިދައްކައިގެން ހުށަހަޅާފައިވާ ބުއްދި ޤަބޫލު ކުރެވޭ މަޢުލޫމާތުތޯއެވެ. މި ނުކުތާތަކަށް ވިސްނައި، މަޒުމޫނުގައި މަޢުލޫމާތު ހިމަނާގޮތުގެ މައްޗަށް ބުރަވާއިރު ފާހަގަ ކުރެވެނީ ތިރީގައިވާފަދަ މައްސަލަތަކެވެ. ވީމާ ފާހަގަ ކޮށްފައިވާ ކަންތައްތައް ހަނދާނުގައި ބަހައްޓައިގެން އެކަންތައްތަކަށް ސަމާލުކަންދީގެން މަޒުމޫނުލިޔަން އާދަކޮށްފިނަމަ އޮއްޓަރުހެޔޮ، ޢިބާރާތްތައް ބަދަހި، ޤަވާޢިދާއި އިމްލާގެ ކުށްމަދު މަޒުމޫނެއް ލިޔެވިދާނެއެވެ.

o މަޒުމޫނު ލިޔުމުގައި ދިމާވާ ޢާއްމު މައްސަލަތައް:

 މަޢުލޫމާތު ހިމަނާފައިވާ މިންވަރު މަދުކަން

 މައިގަނޑުނަމާއި ނުގުޅޭ ފަދަ ގޮތަކަށް މަޢުލޫމާތު ހުށަހަޅާފައިވުން

 ހުށަހަޅާފައިވާ މަޢުލޫމާތުތަކަށް ހެކި ދެއްކިފައިވާލެއް ކުޑަކަން

 ބުއްދި ޤަބޫލު ނުކުރެވޭފަދަ ދޯދިޔާ މަޢުލޫމާތު ހުށަހަޅާފައިވުން

 ނުގުޅޭ މިސާލުތައް ހުށަހެޅުމާއި ހުށަހަޅާ މިސާލުތައް ދިގުވުން



• މަޢުލޫމާތު ގެ މިންވަރު:

50 ފޮޅުވަތުގެ މަޒުމޫނެއްގައި ބައެއް ދަރިވަރުން ހިމަނާފައި ހުންނާނީ 2 ނުކުތާ ނުވަތަ 3 ނުކުތާ އެވެ. މި މިންވަރަށް މަޢުލޫމާތު ހިމަނާފައި ވާނަމަ އެކަށީގެންވާ ވަރަށް މަޢުލޫމާތު ހިމެނިފައި ނުވާކަމުގައި ބެލެވެއެވެ. މިފަދަ މަޒުމޫނެއްގައި އެންމެ މަދުވެގެން 4 ނުވަތަ 5 ޕެރެގްރާފު ހިމެނުން މުހިއްމެވެ. އެއީ އެސް.އެސް.ސީ އިމްތިޙާނުގައި މަޢުލޫމާތު ހިމެނުމުގެ ބައިގައި މާކުސް ހިމަނާފައިވަނީ ކޮންމެ ނުކުތާއަކަށް 2 މާކުހުގެ ރޭޓުން މުޅި މަޒުމޫނުގެ މަޢުލޫމާތުގެ ބަޔަށް 8 މާކުހެވެ. ވީމާ ފެށުމާއި ނިންމުން ނުހިމަނައި އިސްވެ ބަޔާން ކޮށްފައިވާ މިންވަރަށް މަޢުލޫމާތު ހިމެނުމަކީ ބުއްދިވެރިކަމެކެވެ. ތިރީގައި މިވާ ޕެރެގުރާފަކީ ދަރިވަރަކު މަޒުމޫނެއްގައި ހިމަނާފައިވާ 2 ޕެރެގުރާފެވެ. ފުރަތަމަ ޕެރެގުރާފުގައިވަނީ 2 ފޮޅުވަތެވެ. އާ ވާހަކައެއް ހުށަހެޅިފައެއް ނެތެވެ. ދެވެނަ ޕެރެގުރާފު ދިގުނަމަވެސް އެވާހަކައެއް ގެނެސްދެވިފައެއް ނެތެވެ. ވީމާ މަޢުލޫމާތު ބަހައިލުމާއި ތަރުތީބު ކުރުމުގައި މައްސަލަ ހުރިކަން ފާހަގަ ކުރެވެއެވެ.

މި މިސާލުގައިވާ 2 ޕެރެގްރާފަކީ މާކުސް ދެވޭ ފެންވަރަށް މަޢުލޫމާތު ހުށަހެޅިފައިވާ 2 ޕެރެގްރާފެއް ނޫނެވެ. ވީމާ މިފަދަ ގޮތަކަށް ޢަމަލު ނުކުރުމަށް ވިސްނާށެވެ.

ދިވެހި ޤައުމު މިނިވަން ޤައުމެއްގެ ގޮތުގައި ދެހެއްޓުން

އާދެ އަޅުގަނޑު ދެކޭ ގޮތުގައި މި ދިވެހިރާއްޖެ މިނިވަން ޤައުމެއްގެ ގޮތުގައި ދެމެހެއްޓުން އެއީ ދިވެހި ހުރިހާ އުޚުތުންގެ ހިތްހަމަޖެހުމުގެ 85 ޕަސެންޓެވެ. އެއީ އަޅުގަނޑު ދެކޭ ގޮތެވެ.

ޤައުމުގެ ފުދުންތެރިކަމާއި ޤައުމުގެ އެއްބައިވަންތަކަން އެއީ އެޤައުމުގެ ކުރިއެރުން މިކަންކަމަކީވެސް މިނިވަންކަމުގައި މި ޤައުމު ދެމެހެއްޓިދާނެއެވެ. އަދި އެންމެ މުހިއްމު އެއްބަޔަކީ އާދެ މިރާއްޖޭގެ ސިފައިން އެމީހުން އެކުރާ މަސައްކަތުގެ އަގު ދޭންޖެހޭނެއެވެ. އެމީހުންނަށް އަގު ދޭނީހަމައެކަނި ދިވެހި ސަރުކާރެއްނޫން އާއްމު ހުރިހާ ރައްޔިތުންނެއްވެސް އެމީހުން އެކުރާ ބުރަ މަސައްކަތުގެ އަގު ވަޒަން ކުރުމުން އެމީހުންނަށްވެސް އިތުރު ހިތްވަރެއްލިބި މި ޤައުމު އަދިވެސް ހަމަ އޮންނަނީ މިއަދު އަހަރެމެން މި ދެކޭ ޙާލަތުގައެވެ.



• މައިގަނޑު ނަމާ ނުގުޅޭ މަޢުލޫމާތު ހުށަހެޅުން:

ކަނޑަކީ ވަރަށް އުސް ފުންވެގެންވާ އެއްޗެކެވެ. ކަނޑަކީ މާތްﷲ އަހަރެމެންނާ ހަމައަށް ފޯރާފައިވާ ވަރަށް މާތްއެއްޗެކެވެ. ކަނޑަކީ އަހުރެމެން ވަށައިގެންވާ ވަރަށް ފުރިހަމަ ގޮތުގައި މާތްﷲ އުފައްދާފައިވާ ލާމަސީލެކެވެ. ކަނޑަކީ އަހަރެމެން ވަށައިގެންވާ މާހައުލެވެ. އަހަރެމެން ދިރިއުޅުމުގެ ނިޒާމެވެ.

ކަނޑަކީ އަހަރެމެން މަގުދައްކާ ޤާނޫނެއްވެސް މެއެވެ. ކަނޑަކީ އަހަރެމެންގެ ދިރިއުޅުމުގެ ނިޒާމެއްވެސް މެއެވެ. ކަނޑަކީ އަހަރެމެން އެއްތަނުން އަނެއްތަނަށް ދަތުރު ފަތުރު ކުރާ އެއްޗެކެވެ. ކަނޑަކީ އަހަރެމެންނަށް ލިބިފައިވާ މި އަގުބޮޑު ޚަޒާނާތްތަކާއި އަގުބޮޑުތަން ޙާޞިލްކުރެވިފައިވަނީ ކަނޑުގެ ސަބަބުންނެވެ. ކަނޑުގެ ސަބަބުން ދިވެހިން ދިވެހިންނަކަށް ހެދެއެވެ. ދިވެހިން ދިވެހިވަންތަ ބަޔަކަށް ހެދެއެވެ.

ވަރަށް ގިނަ ފަހަރަށް ފާހަގަ ކުރެވެނީ މަޒުމޫނުތަކުގައި މައިގަނޑުނަމާ ގުޅުވައިގެން މަޢުލޫމާތު ހުށަހެޅޭތޯ ބަލާފައި ހުއްޓައެވެ. އެހެންނަމަވެސް މައިގަނޑުނަމާ ވަރަށް ގުޅުން ކުޑަ މަޢުލޫމާތު މަދު މަދުން ނަމަވެސް ހިމަނާފައިވާ ބައެއް މަޒުމޫނު ފެނެއެވެ. މަޢުޟޫއާ ދުރު، އަދި ނުގުޅޭ މަޢުލޫމާތު ހުށަހަޅައިގެން މަޒުމޫނު ލިޔުމަކީ ބޭކާރު ގޮތުގައި ހޭދަކުރެވޭ ވަގުތުތަކެކެވެ. ވީމާ ތަފާތު އެކި ދާއިރާއިން މަޢުލޫމަތު ހޯދައި ސިކުނޑީގައި ޖަމާކުރުމަކީ މިކަމަށް އޮތް ވަރަށް ބޮޑު ޙައްލެކެވެ. އަދި ހަމަ އެހެންމެ މަޒުމޫނު ލިޔުމަށް ޙަވާލުވެފައިވާ މައިގަނޑުނަން ރަނގަޅަށް ދޭހަކޮށްގެން މަޒުމޫނު ލިޔަން ފެށުމަކީ ބުއްދިވެރިކަމެކެވެ. އެހެންނޫނީ ވަގުތު ބޭކާރުވުމުގެ އިތުރުން ރަނގަޅު މާކުހެއް ހޯދުމަށް އޮތް ފުރުޞަތުވެސް ބޭކާރުވީއެވެ. ތިރީގައި މިވަނީ " ކަނޑުގެ ވަސީލަތުން ދިވެހި އިޤްތިޞާދު މުއްސަނދި ކުރުން" މި މއުޟޫޢާ ދުރު، އަދި ނުގުޅޭ ވާހަކަތަކެއް ލިޔެ ދަރިވަރަކު އިމްތިޙާނެއްގައި ހުށަހަޅާފައިވާ މަޒުމޫނުތަކުން ނަކަލު ކޮށްފައިވާ ބައެކެވެ.

• ބުއްދި ޤަބޫލު ނުކުރެވޭފަދަ ދޯދިޔާ މަޢުލޫމާތު ހުށަހެޅުން:

" ދުންފަތަކީ ޞިއްޙީ ގޮތުންނާއި މާލީ ގޮތުން އިންސާނާ ހަލާކުކޮށްލާ އެއްޗެކެވެ"

" ދުންފަތުގެ ސަބަބުން ލިބޭ ގެންލުންތަކުގެ ތެރޭގައި ސިކުނޑީގެ ލޭނާރުތައް ހުއްޓުމާއި ލޭނާރުތަކުގައި ގިނަ ސަރުބީ ޖެހުމުގެ ސަބަބުން ލޭ ދައުރު ކުރުން ހުއްޓުމާއި ސިކުނޑީގެ ކުދިކުދި މައްސަލަ ގިނަވުމާއި ހަޖަމު ކުރާ ހޮޅި ހަޖަމު ނުކުރެވޭވަރަށް ކާނާ ގިނަވުން ހިމެނެއެވެ "

ދުނިޔޭގަވެސް ދެބައި ކުޅަ އެއްބައި މީހުންނަކީ ދުންފަތުގެ އިސްތިޢުމާލު ކުރާ މީހުންނެވެ. ނަތީޖާއެއްގެ ގޮތުން މާލީ މުޖުތަމަޢުގެ އެންމެ ބޭނުން އެއްބަޔަކަށް ވެފައި މިވަނީވެސް ދުންފަތުގެ އިސްތިޢުމާލް ކުރާ މީހުންނެވެ.

މަދުމަދުން ނަމަވެސް ބައެއް ދަރިވަރުން ވަރަށް ދޯދިޔާ މަޢުލޫމާތު ވެސް ހުށަހަޅައެވެ. ތިރީގައި މި ހުށަހަޅާލަނީ އެފަދަ މަޢުލޫމާތު ހިމަނާފައިވާ ބައެއް ޢިބާރާތްތަކެވެ.



• ހުށަހެޅުން:

ހުށަހެޅުމުގެ ބަޔަށް އިންސާފު ކުރާއިރު ބަލަނީ ޚިޔާލުތައް ޕެރެގްރާފު ކޮށްފައިވުމަށާއި މައުޟޫޢާ ގުޅޭ ގޮތުން ފެށުމާއި ނިންމުން ގެނެސްފައިވާ ގޮތުގެ މައްޗަށެވެ. އަދި ހަމަ އެހެންމެ މައިގަނޑުގައި ހުށަހަޅާ ނުކުތާތައް ތަރުތީބު ކޮށްފައިވާ ގޮތުގެ މައްޗަށެވެ.

މި ބައިން ފާހަގަ ކުރެވުނު ބައެއް ނުކުތާތަކަކީ :

- ޕެރެގްރާފު ވަކިކޮށްފައި ނެތުން.

- ޚިޔާލުތައް ޕެރެގްރާފްތަކަށް ބަހާލާފައި ނެތުން.

- މަޢުޟޫއާ ގުޅުވައިގެން ފެށުމާއި ނިންމުން ގެނެވިފައި ނެތުން.

- ވާހަކަ ލިޔާ ސްޓައިލަށް މަޒުމޫނު ލިޔުން.

ޕެރެގްރާފްތައް ވަކި ނުކޮށް އެއް ލިޔުންގަނޑެއްގެ ގޮތުގައި އޮތުމުން އެއީ މަޒުމޫނަކަށް ނުފުދެއެވެ. ސަބަބަކީ މަޒުމޫނޭ ބުނީމާ ހިތަށް ސިފަވެގެން އަންނަން ޖެހޭނީ ފެށުމާއި މައިގަނޑުގައި ލިޔެވިފައިވާ ޕެރެގްރާފްތަކަކާއި ނިންމުމެކެވެ. ވީމާ މަޒުމޫނުގެ ޕެރެގްރާފުތަކުގައި ހަރުދަނާ ވާހަކަތަކެއް ހުށަހެޅުމަށް ވިސްނަން ޖެހެއެވެ. އަދި ހަމަ އެހެންމެ އެ ހުށަހަޅާ ވާހަކަތަކަކީ މައުޟޫޢާ ކިހާވަރެއްގެ ގުޅުމެއް ހުރި ވާހަކަތަކެއްތޯ އާއި ޚިޔާލުތައް ޕެރެގްރާފްތަކަށް ބަހާލެވިފައިވަނީ ހިތްހަމަޖެހޭ ގޮތަކަށްތޯ ބަލަން ޖެހެއެވެ. މާކު ކުރާއިރު މިބައިތަކަށް ބަލައި މާކުސް އުނި އިތުރު ކުރާނެއެވެ. ވީމާ ރަނގަޅު ގޮތަކީ ފާހަގަ ކުރި މައްސަލަތައް ޙައްލު ކުރުމަށްޓަކައި ދުރާލާ ތައްޔާރުވެ ގިނަގިނައިން ލިޔުމެވެ. އަދި ތިމާ ލިޔާ ލިޔުންތައް އަމިއްލައަށް އިޞްލާޙުކޮށް ދެވަނަ ފަހަރުވެސް ލިޔުމެވެ. ހިތްހަމަ ޖެހޭ އެއްޗެއް ލިޔެވެންދެނެވެ. މި ކަމުގައި މުދައްރިސުންގެ ލަފައާއި އިރުޝާދު ހޯދިދާނެއެވެ. އެންމެ ބޮޑަށް ބޭނުންވަނީ ދަރިވަރުގެ ޝައުޤެވެ. ޖޯޝެވެ.

• މަޒުމޫނުގެ ފެށުން :

މައިގަނޑުގައި ހުށަހަޅާ ނުކުތާތައް ޝައުޤުވެރިކަމާއެކު ކިޔާނީ އެންމެ ފުރަތަމަ މަޒުމޫނު ހުޅުވާލާ ގޮތަކުންނެވެ. ވީމާ ފެށުމުގައި އަޅައިގަންނަ ކަހަލަ ޖުމްލައެއް އެންމެ ފުރަތަމަވެސް ބޭނުންކުރުން ބުއްދިވެރިއެވެ. ދެން އެ ބުނުމާވެސް ގުޅޭ ގޮތުން މުޅި މަޒުމޫނުގައި ބަލައި އިންސާފު ކުރާނެ ބައިތަކެއްގެ ވާހަކަ ގެނެވިދާނެއެވެ. މިއީ މަތިމަތިން މައިގަނޑު ނަމަށް ބަލައިލުމެކެވެ. އޯވަރ ވިއު އެކެވެ. ދެން އެއަށްފަހު މުޅި މައިގަނޑުނަމުގެ ދަށުން ބުނަން ބޭނުންވާ މައިގަނޑު ވާހަކަ ހިމެނޭ ޖުމްލަ ނުވަތަ ޖުމްލަކޮޅެކެވެ. އެއީ ތިމާ ބުރަވާކޮޅު އަންގައިދީފައިވާ ޖުމްލަކޮޅެކެވެ. ދެން އޮންނާނީ ފެށުން ނިންމާލުމެވެ. މި ޖުމްލަ މައިގަނޑު އެހެން ޕެރެގްރާފުތަކަށް ތަންދެމުން ކުރިއަށް ގެންދިއުމުން ކިޔާމީހާ ކިޔާހިތްވެ ފެށުމުގެ ބާރު ގަދަވާނެއެވެ. ފެށުން ބާރުގަދަކޮށް މޮޅަށް ހުށަހެޅިއްޖެނަމަ ފެށުމަށް ލިބެންޖެހޭ ފުލް މާކުސް ލިބޭނެއެވެ.

• ތިރީގައި މިވަނީ އިމްތިޙާނެއްގައި ދަރިވަރަކު ލިޔެފައިވާ މޮޅު، ރީތި ފެށުމެކެވެ.

ދަނޑުވެރިއަކު އޭނާގެ ދަނޑު ހެއްދުމަށްޓަކައި ބިންސާފުކޮށް ހެދުމަށް ފަހު ގަސްތައް ރުވައިފިއެވެ. މި މަސައްކަތުގައި މާބޮޑު ތަޖުރިބާއެއް ލިބިފައި ނުވިނަމަވެސް އެހެން މީހުންވެސް ދަނޑުހައްދާ އުސޫލުން ދަނޑުހެއްދުމަށް މަސައްކަތްކުރަނީއެވެ. އަދި އޭނާގެ ފުރަތަމަ ވަޒީފާ ނުވަތަ މަސައްކަތް ކަމުގައިވާ މަސްވެރިކަންވެސް ކުރަމުން ގެންދެއެވެ. ދަނޑުގައި ގަސްތައް ރުވުމަށްފަހު އެގަސްތައް ބަލައިލާ އެގަސްތަކަށް ފެންދީހަދާނެ ވަގުތެއް މި ދަނޑުވެރިޔާއަކަށް ނުލިބެއެވެ. މަސްވެރިކަން ތިޔާގި ދުވަސްވަރަކަށް ވީމައެވެ. މިހާރު އެދަނޑުގައި ފަސްގަނޑު ނުޖަހައި އެ ރުވިގަސްތައް ހުންނާނެގޮތް، އަދި އެގަސްތައް ހެދޭނެވަރު ވިސްނާލަމާތޯއެވެ؟



• މަޒުމޫނެއްގެ ނިންމުން :

ނިންމާ ޕެރެގްރާފަކީ ފަށާ ޕެރެގްރާފުގެ ތަކުރާރު ކުރުމެކެވެ. ނަމަވެސް އެހެން ޢިބާރާތަކުންނެވެ. ދޭހަވާނީ ދާދި އެއް މާނައެކެވެ. އެހެންކަމުން ފެށުމުގައިވާ އަޅައިގަންނަ ގޮތަށް ލިޔުނު ޖުމުލައިގެ މާނަ ދޭހަވާގޮތަށް އެހެން ޢިބާރާތަކުން އެ ވާހަކަ ބުނާށެވެ. އޯވަރ ވިއު ލިޔާށެވެ. މިއީ ލިޔެވި ދިޔަ ވާހަކަތަކުގެ މައްޗަށް މަތިމަތިން ބަލައިލާ ބަލައިލުމެކެވެ. ފެށުމާ ދާދި އެއްގޮތެވެ. ތަފާތަކީ ފެށުން ލިޔުނީ އެވާހަކަތައް މައިގަނޑުގައި ގެންނަން ވެގެން ކަމެވެ. އެކަމަކު ނިންމުމުގައި މި ލިޔަނީ އެވާހަކަތައް ލިޔެފައި އޭގެ ފަހުންނެވެ. ވެނިމިފައިވާ ކަމެއްގެ ގޮތުގައެވެ. ދެން އެއަށްފަހު ނިންމާ ޖުމުލައެއް ނުވަތަ ދެ ޖުމުލައެއް ލިޔާށެވެ. އެއީ މުޅި މަޒުމޫނުގައި ދެއްކި ވާހަކަތައް މައިގަނޑުނަމާ ގުޅުވައި ސާބިތު ކޮށްދޭން ބުނާ އެންމެ ފަހުގެ ވާހަކައެވެ. އެއަށްފަހު ލިޔާމީހާއަށްވެސް އަދި ކިޔާ މީހާއަށްވެސް މަޒުމޫނު ނިންމާލި ކަމުގެ އިޙުސާސު ގެނެސްދޭ ޢިބާރާތެއް ލިޔުން ރަނގަޅުވާނެއެވެ. މި ޢިބާރާތްވެސް އޮންނާނީ މި ޕެރެގުރާފުގައެވެ. އެންމެ ފަހަތުގައި އޮންނަ ޢިބާރާތުގެ ގޮތުގައެވެ. ދުޢާ އަކުން، ބައިތަކުން، ލަވައަކުން މަޒުމޫނެއް ނިންމާލުމަކީ އޮށްޓަރު ރަނގަޅު މަޒުމޫނެއްގެ ފާޑާ ގުޅޭ ކަމެއް ނޫނެވެ. ވީމާ އިސްވެ މި ބަޔާން ކުރި ގޮތްގޮތަށް ވިސްނައި ތައްޔާރުވެ ހުރެ ހަރުދަނާ ނިންމުމެއް ލިޔެފިނަމަ މަޒުމޫނުގެ ނިންމުމަށް ލިބެންވާ ފުރިހަމަ މާކުސް ލިބޭނެކަމީ ޔަޤީން ކަމެކެވެ.

• ތިރީގައި މިވަނީ ދަރިވަރަކު ލިޔެފައިވާ ނިންމުމެކެވެ.

" ދުންފަތަކީ ސިއްޙީގޮތުންނާއި މާލީގޮތުން އިންސާނާ ހަލާކުކޮށްލާ އެއްޗެކެވެ."

ދުންފަތުގެ އިސްތިޢުމާލް ކުރާ މީހުން ދުންފަތާ ދުރަށް ޖެހިއްޖެނަމަ ސިއްޙަތަށް އައު ތާޒާ ކުލަވަރު ފެންނާނެއެވެ. އަދި ކުރިއަރާނެ ގޮތަކަށް ޤައުމު ބައްޓަން ކުރެވޭނެއެވެ. މިކަމަށްޓަކައި ދުންފަތުގެ އިސްތިޢުމާލް ކުރާ މީހުން އެމީހުންގެ އެ ޢަމަލާ ދުރަށް ދާންޖެހެއެވެ. ހަމައެހެންމެ މިކަމަކީ އެންމެން އެއްބާރު ލައިގެން އެއްސަފެއްގައި އަތުކުރި އޮޅާލައިގެން މެނުވީ ކުރެވޭނެކަމެއް ނޫނެވެ. ރަނގަޅު ޞިއްޙަތެއްގައި ދެމިހުންނަން ބޭނުންނަމަ އަޅުގަނޑުމެން އެންމެން ދުންފަތާ ދުރުހެލިވުން ބުއްދިވެރިއެވެ. ހަމައެއާއެކު ދުނިޔެ ތަރައްޤީ ކުރުން ނުވަތަ ރަނގަޅު މުޖުތަމަޢެއް ބިނާކުރަން ބޭނުންނަމަ ދުންފަތުގެ އިސްތިޢުމާލް ކުރުން ހުއްޓާލަންޖެހެއެވެ. އެހެނީ އަޅުގަޑުމެންނަށް ރަގަޅު މުޖުތަމަޢެއް ބިނާކުރެވޭނީ ދުޅަހެޔޮ ވެށްޓެއް ގާއިމުކުރެވިގެންދާނެއެވެ. ދުޅަހެޔޮ ވެށްޓަކަށް ބޭނުންވަނީ ޞިއްޙަތު ސަލާމަތުންތިބި ބައެކެވެ.















• ޢިބާރާތްކުރުން :

މަޒުމޫނެއް ލިޔުމުގައި އެންމެ ބޮޑަށް ވިސްނަން ޖެހޭ އެއް ބަޔަކީ ޢިބާރާތް ކުރުމުގެ ބައެވެ. ޢިބާރާތް ކުރުމުގައި ޖުމުލަތައް ހަމަޖެހޭ ތަރުތީބަކުން ހުށަހެޅުމަށް ވަރަށް ބޮޑަށް ސަމާލުކަން ދޭން ޖެހެއެވެ. ޕެރެގުރާފެއްގައި ހިމެނޭ ޖުމުލަތައް އެއް ޖުމުލަ އަނެއް ޖުމުލައަށް ބާރުދޭފަދަ ގޮތަކަށް އަތުރާލަން ޖެހެއެވެ. މިގޮތަށް ޕެރެގުރާފެއްގައި ޖުމުލަތައް އަތުރާލާއިރު މައިގަނޑު ޖުމުލައަކާއި އެޖުމުލައަށް ތާއީދު ކުރާ ޖުމުލަ ނުވަތަ ބާރުދޭ ޖުމުލަތަކެއްގެ އެހީގައި ޕެރެގުރާފު ހުށަހެޅިއްޖެނަމަ އެ ޕެރެގުރާފެއްގެ އެމުނި އެކުލެވުން ރަނގަޅުވާނެއެވެ. އެހެން ނަމަވެސް އިމްތިޙާނުތަކުގައި މިގޮތަށް ޕެރެގްރާފްތައް ރާވާލެވިފައިވާތަން ވަރަށް ނުފެނެއެވެ. ވީމާ މިއީ ދަސްކުރަން، ފަރިތަކުރަން ޖެހޭ ހުނަރެކެވެ. ޢިބާރާތް ކުރުމުގެ ބައިގެ ދަށުން ދަރިވަރުންގެ އިމްތިޙާނު ކަރުދާސްތަކުން ގިނައިންފެނި އިޞްލާޙު ކުރަން ޖެހޭކަމަށް ފެންނަ 3 ބައެއް މި ބައިގެ ދަށުންވެސް ފާހަގަ ކުރެވެއެވެ. އެއީ :

1. ޕެރެގުރާފުތަކުގެ ޖުމުލަތައް ހަމަޖެހޭ ތަރުތީބަކުން ނެތުން

2. ޢިބާރާތުގެ ސާފުކަމާއި ސާދާކަން ނެތުން

3. ގުޅޭ ބަސްކޮށާރެއް ބޭނުން ކުރެވިފައި ނެތުން

މި ތިން ބަޔަށްވެސް ދަރިވަރުން އިސްކަން ދޭންޖެހޭ ކަމަށް ފެނެއެވެ. މި ތިން ކަމުގެ ތެރެއިން ކޮންމެ ކަމެއް ޙާޞިލުކުރުމަށްވެސް ޢަމަލީ މަސައްކަތް ބޭނުންވެއެވެ. މަޢުލޫމާތު ލިބޭގިނަ ތަކެތި ކިޔުމެވެ. ތަފާތު މީސްމީހުންގެ ލިޔުންތައް ކިޔައި އެ ލިޔުންތަކަށް ފާޑު ކިޔުމުގެ ނަޒަރަކުން ވިސްނުމެވެ. އަބަދުވެސް ތަޢުލީމީ މިފަދަ ކަންތައްތައް އިސްލާޙު ކުރެވޭނެ ގޮތަކާމެދު ވިސްނައި ގެންނަން ފެންނަ ރަނގަޅު ބަދަލުތައް ތިމާގެ ސުލޫކަށް ގެނައުމެވެ. މަތީގައި ބަޔާން ކުރި ކަންތައްތަކަށް ސަމާލުކަން ދީގެން ދިވެހި ބަހުގެ ހަމަތަކާއި އުސޫލުތަކުގެ މަތިން ލިޔެވޭ މަޒުމޫނުތަކަށް ރަނގަޅު މާކުސް ލިބޭނެއެވެ. ބަހުގެ ރަނގަޅު ހަމައާއި ރީތި އުޞޫލު ހިފެހެއްޓުމަށް ބޭނުންވަނީ ދިރިއުޅުމުގެ ކޮންމެ ޙާލަތެއްގައިވެސް އެގޮތަށް މުޢާމަލާތު ކުރުމެވެ. ރައްޓެހިންނާ ވާހަކަ ދައްކާއިރުވެސް ބަހުގެ ހަމަތަކަށް ރައްކާތެރިވެ ރީތި ޢިބާރާތްތަކުން ވާހަކަ ދެއްކުމަށް އިސްކަން ދިނުމެވެ. ޙާލަތާ ގުޅޭފަދަ ރަނގަޅު ލަފުޒުތައް ބޭނުން ކުރުމެވެ. ރަނގަޅަށް ރީތިކޮށް ވާހަކަ ދެއްކުމަކީ އެކަމުގެ ހެޔޮ އަސަރު ލިޔުންތަކުން ފެންނާނެ ކަމެކެވެ. ވީމާ ރަނގަޅު ފެށުމަކާއި، ހަރުދަނާ ގޮތެއްގައި ރާވާލެވިފައިވާ މައިގަނޑަކާއި، މުޅި މަޒުމޫނަށް އަލިއަޅުވާލައި ލިޔެފައިވާ ހިތްހަމަ ޖެހޭ ނިންމުމަކާއި، ސާފު ސާދާ ޢިބާރާތުން ލިޔެ އުޅުމުގެ ޤާބިލުކަން ހޯދައިފިނަމަ މަޒުމޫނު ލިޔުމުގެ އިމްތިޙާނުގައި ރަނގަޅު ނަތީޖާއެއް ހޯދުމަށް އޮތް ފުރުޞަތު މިހާރަށްވުރެ މާ ފުޅާ ވާނެކަން ކަށަވަރެވެ.



މަޒުމޫނުގެ ނަމޫނާ:

ކަނޑު ޙިމާޔަތް ކުރަން ކުރެވިދާނެ ކަންތައްތައް

ދުނިޔޭގެ ސަތަޙައިގެ ހަތްދިހަ އިންސައްތައަށްވުރެން ބޮޑުބަޔަކީ ކަނޑެވެ. އަދި ދުނިޔޭގެ ދިރުމުގެ %90 އަކީ ކަނޑުގެ ދިރުމެވެ. ދުނިޔޭގައި ހިކިފަސް ތަނަށް ވުރެ ބޮޑީ ކަނޑެވެ. ހަމަ އެފަދައިން ރާއްޖޭ އަކީ ވެސް ކަނޑުގެ މުއްސަނދިކަން ލިބިގެން ވާ ކުދި ޖަޒީރާ ރަށްތަކެއް އެކުލެވިގެން ވާ ރީތި ޤައުމެކެވެ. އަދި މި ރަށްތަށް އުފެދިފައި ވަނީ ފަރުގެ ސަބަބުންނެވެ. ދިރޭ ގަލުގެ އެތަކެއް އަހަރު ތަކެއްގެ ނަތީޖާއެއްގެ ގޮތުންނެވެ. އެހެންކަމުން ފަރުތަކާއި ކަނޑުގެ ރަނގަޅު ޞިއްޙަތަކީ މި ކުދިކުދި ރަށްތައް ދެމިއޮތުމަށް ކޮންމެހެން ބޭނުން ކަމެކެވެ.

ދިވެހިރާއްޖޭގެ އިޤްތިޞާދު ކުރިއެރުމުގެ މައިގަނޑު ދެބާރަކީ މަސްވެރިކަމާއި، ފަތުރުވެރިކަމެވެ. މި ދެ މަސައްކަތް، ސީދާގޮތެއްގައި އަދި ނުސީދާ ގޮތެއްގައި ނަމަވެސް ގުޅިފައި ވަނީ ކަނޑާއެވެ. ކަނޑުގެ ދިރުމާއެވެ. ރާއްޖޭގެ ކަނޑުގެ ދިރުމުގެ މުއްސަނދި ކަމާއެވެ. ވީމާ އަޅުގަނޑުމެންގެ އިޤުތިޞާދު ކުރި އެރުވުމަށްޓަކައި ވެސް، މިރީތި ކަނޑުތަކާއި ފަރުތައް ދެމި އޮތުމަކީ ވަރަށް މުހިންމު ކަމެކެވެ. އަދި މިކަނޑު ތަކާއި ކަނޑުގެ ދިރުންތައް ރައްކާތެރި ކަމާއެކު ދެމެހެއްޓުމަށް ކުރެވިދާނެ އެތައްކަމެއް އެބަހުއްޓެވެ.

ކަނޑުތައް ޙިމާޔަތް ކުރުމަށްޓަކައި އަޅުގަނޑުމެންނަށް އަމިއްލައަށް ކުރެވިދާނެ އެތައް ކަމެއްވެސް އެބަހުއްޓެވެ. ކަނޑުގެ ދަތުރު ފަތުރު ކުރާއިރު އުކާލަން ބޭނުން އެއްޗެއް ހުރިނަމަ ކަނޑަށް ނުވަތަ މޫދަށް އުކާނުލައި، ހިކިފަސް ތަނަކަށް އާދެވުމުން އުކާލުމަކީ ވަރަށް ބުއްދިވެރި ކަމެކެވެ. އަދި މޫދަށް ނަގިލި ވައްޓާލާއިރު ބަލާނުލައި ވައްޓާލުމަކީ އަޅުގަނޑުމެންގެ ތެރޭގައި ވަރަށް ގިނައިން ފެންނަމުން އަންނަ ކަމެކެވެ. މިކަމުގެ ސަބަބުން އެތަކެއް ގައުތަކެއް ހަލާކުވެ، މަރުވެއެވެ. ވީމާ ބަލާފައި ނަގިލި ވައްޓައި ލުމަކީ އަޅުގަނޑު ދެކޭގޮތުގައި ވަރަށްވެސް ރަނގަޅު ކަމެކެވެ. ކޮންމެ ދިވެއްސަކީ ކޮންމެވެސް ދުވަސްވަރެއްގައި މޫދަށް އެރޭނެ ނުވަތަ އެރިފައިވާ މީހެކެވެ. އަދި ކޮންމެ ދުވަހުކުހެން މޫދަށް އެރޭ މީހުންވެސް އުޅެއެވެ. މިހެން އުޅުމުގެ ތެރޭގައި މޫދުން ގައު އަދި ދިރޭ މުރަކަ ނެގުމަކީ ވަރަށް ގޯސް އަދި ކަނޑުގެ ދިރުމަށް ނުރައްކައުތެރި އަސރުތަކެއް ކުރާނެ ކަމެކެވެ. އެހެންކަމުން މޫދަށް އެރި އުޅޭއިރު މިފަދަ ތަކެތި ނުނެގުމަށް ސަމާލުކަން ދޭންވާނެއެވެ. އަދި ޚާއްޞަކޮށް ޑައިވަރުން ސަމާލުކަން ދޭންޖެހޭ ކަންތައްތަކެއް ވެސް ވެއެވެ. ޑައިވްކުރަން އުޅޭއިރު ފިންސުން ގާގަލުގައި ނުޖެހުމާއި، ފޮޓޯނަގާއިރު ބަޔޯންސީ ކޮންޓްރޯލް ކުރުމަށް ސަމާލުކަން ދިނުން މިކަންތައްތަކުގެ ތެރޭގައި ހިމެނެއެވެ. މި ހުރިހައި ކަމަކަށް ސަމާލުކަން ދީގެން އުޅުމަކީ ކަނޑުތައް ޙިމާޔަތް ކުރުމަށް އުޅޭ ވަރަށް މުހިންމު ފިޔަވަޅެކެވެ.

މީގެ އިތުރުން އަދުގެ ސަރުކާރުން ވެސް ވަނީ ކަނޑުތައް ޙިމާޔަތްކޮށް ދެމެހެއްޓުމަށްޓަކައި އެތަކެއް ފިޔަވަޅުތަކެއް އަޅުއްވާފައެވެ. ރައްކާތެރި ކުރެވިފައިވާ ބައެއް ސަރަޙައްދުގެ ގޮތުގައި ފަނަރަ ސަރަޙައްދެއް ވަނީ 27 ސެޕްޓެމްބަރ 1995 ވަނަ އަހަރު ކަނޑަ އަޅުއްވައިފައެވެ. އަދި ކަނޑުގެ ބައެއް ދިރުންތައް ޙިމާޔަތް ކުރައްވާފައިވެސް ވެއެވެ. އަދި މޫދުން ގަލާއި ވެލިފަދަ ތަކެތި ނެގުން ކޮންޓްރޯލް ކުރުމުގެ ގޮތުން މިފަދަ ތަކެތި ރާއްޖެއިން ބޭރުކުރުންވެސް ވަނީ މަނާ ކުރައްވާފައެވެ. އިހުޒަމާނުގައި ރާއްޖޭގެ ކުޑަކުދިންނަކީ ވެށި ޙިމާޔަތްކުރުމުގެ މުހިންމުކަމާ ބެހޭ ގޮތުން އެއްވެސް އެއްޗެއް އެނގޭ ބައެއް ނޫނެވެ. ނަމަވެސް މިހާރުގެ ކުޑަކުދިންނަކީ ފަށާ ތަޢުލީމުން ފެށިގެންވެސް މިފަދަ ކަންތައްތަކަށް ހޭލުންތެރި ކުރެވެމުން އަންނަ ބައެކެވެ. އެހެންކަމުން އަޅުގަނޑު ދެކޭގޮތުގައި މިއީވެސް ދިވެހި ސަރުކާރުން އަޅުއްވާފައިވާ މުހިންމު ފިޔަވަޅެކެވެ.

މީގެ އިތުރުން ބޭރުގެ އެކުވެރި ޤައުމުތަކުގެ އެހީ ހޯދައިގެން ޙިމާޔަތް ކުރަންޖެހޭ ސަރަޙައްދުތައް ހޯދުމަކީ އަޅުގަނޑުގެ ނަޒަރުގައި ވަރަށް މުހިންމު ކަމެކެވެ. އަދި ދިވެހި ސަރުކާރުން ވެސްވަނީ މިކަންތައްވެސް ކުރައްވަން ފަށްޓަވާފައެވެ. އަދި ކުރިއަށް އޮތްތާނގައިވެސް މިފަދަ ކަންތައްތައް ކުރައްވާ، ކަނޑު ޙިމާޔަތް ކުރުމަށް މަސައްކަތް ކުރުމަކީ އަޅުގަނޑުގެ އުއްމީދެކެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މީހުންދަނީ ވެށި ޙިމާޔަތް ކުރުމަށް ހޭލުންތެރި ވަމުންނެވެ. އަދި މިކަމުގައި ދިވެހިންވެސް ދަނީ ވަރަށް ހަރުދަނާ ކަމާއެކު ފައިތިލަ ސާބިތު ކުރަމުންނެވެ. މި ދިވެހިރާއްޖޭގެ ކަނޑާއި ކަނޑުގެ ދިރުންތައް އަބަދުގެ އަބަދަށް ރައްކާތެރި ކަމާއެކު ދަމަހައްޓަވާށިއެވެ. މިއީ އަޅުގަނޑުގެ އުންމީދެވެ. ހިތުގެ އަޑިން ކުރާ ދުޢާއެވެ.